މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

'މުޖުތަމަޢު ބާރުވެރިކުރުން - ހުދު ކަރުދާސް' ލޯންޗްކޮށްފި

11 ޖޫން 2019 - 11:06

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މުޖުތަމަޢު ބާރުވެރިކުރުމުގެ ގޮތުން ހިންގަން ރާވާފައިވާ ކަންތައްތަކާއި ގުޅޭގޮތުން އާންމުންގެ ޚިިޔާލު ހޯދުމަށް ނެރޭ "ހުދު ކަރުދާސް" ލޯންޗްކޮށްފިއެވެ.
މާލޭ ކޮމިއުނިޓީ ސެންޓަރުގެ ސެމިނަރ ރޫމްގައި ބޭއްވި ހަފްލާއެއްގައި މި ކަރުދާސް ނެރެދެއްވީ ޕްރޮފެސަރ ހަސަން އުޤައިލްއެވެ. މި ހަފްލާގައި މިނިސްްޓަރު އަޙުމަދު މަހުލޫފްގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ އަމިއްލަ ފަރުދުން، ޢާއިލާތައް، މުޖްތަމަޢުގެ އެކިއެކި ކްލަބް/ޖަމްޢިއްޔާ/ޖަމާޢަތްތަކުން، އަދި އެކިއެކި ބަހާތަކުން، ތިމާ/ތިމާމެންގެ އަމިއްލަ ދިރިއުޅުމަށާއި، އަދި ރަށް/ސިޓީއަށް ކުރިއެރުން ގެނައުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަހި ކޮށްދިނުމާއެކު، ދިވެހި މުޖްތަމަޢުގައި އެފަދަ ވިސްނުން އިތުރުކޮށް، އެފަދަ ކަންތަކަށް ހިތްވަރުދީ، އެހީތެރިވެދީ، ފުރުސަތު ހޯދައިދީ، ފަހިކޮށްދިނުމުގެ ގޮތުން މިނިސްޓްރީއިން ކުރިއަށް ގެންދިއުމަށް ހުށަހަޅާ ޙަރަކާތްތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ކަރުދާހެކެވެ.
މިނިސްޓްރީގެ ވެބްސައިޓުގައި މި ކަރުދާސް ޝާއިއުކުރެވިފައިވާއިރު މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އާންމުންނަށް މި ކަރުދާހާއި ގުޅޭގޮތުން ޙިޔާލު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ކުރިޔަށް އޮތްތަނުގައި މިނިސްޓްރީއިން މުޖުތަމަޢު ބާރުވެރިކުރުމަށް ހިންގާ ހަރަކާތްތަކުގައި މި ކަރުދާހަށް ހުށަހެޅޭ ޚިޔާލުތަކަށް ރިޢާޔަތްކުރެވޭނެއެވެ.