މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ޒުވާނުންނަށް ޚާއްސަ ޕްރޮގްރާމްތަކެއް ރަމަޟާން މަހުގެ ތެރޭގައި ބާއްވަނީ!

10 މެއި 2018 - 12:05

ޔޫތު މިނިސްޓްރީއިން ޒުވާނުންނަށް އަމާޒްކޮށް ޚާއްސަ ހަރަކާތްތަކެއް ރޯދަމަހާ ދިމާކޮށް ކުރިޔަށް ގެންދިޔުމަށް ތައްޔާރު ވެއްޖެއެވެ. މިމަހުގެ 19، 26 އަދި ޖޫން މަހުގެ 2 ވަނަދުވަހު "އެކި ރަހަ" ޕްރޮގްރާމް އޮންނާނެއެވެ. މިއިން ކޮންމެ ޕްރޮގްރާމަކީ ތަފާތު އެކި ވައްތަރުގެ ކާބޯތަކެތި ތައްޔާރުކުރާނެގޮތް ދަސްކޮށްދޭނެ ޕްރޮގްރާމްތަކެކެވެ. ކެއްކުމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ޝެފުންނާއިއެކު ކުރިޔަށްގެންދާ މި ޕްރޮގްރާމްގައި ސްމޫތީ އާއި ސެލެޑް އަދި ޑެޒަރޓް ތައްޔާރުކުރާނެގޮތް ބައިވެރިންގެ މެދުގައި ހިއްސާކުރެވޭނެއެވެ.

މިމަހުގެ 18 އިން 30 އަށް "ޔޫތު ރަމަޒާން ކަޕް" ގެ ނަމުގައި ވަރަށް ފޯރިގަދަ މުބާރާތެއްވެސް ކުރިޔަށްދާނެއެވެ. ބިލިއާރޑް، ޑާޓް، ޑިގު އަދި ޕީ.އެސް.4 ފަދަ މަޝްހޫރު އިންޑޯ ކުޅިވަރުތަކުގެ މައްޗަށް އެކުލެވިގެންވާ މިމުބާރާތުގެ އިންތިޒާމްތައް ވަނީ ވަރަށް ފުރިހަމައަށް ރޭވިފައެވެ. މީގެ އިތުރުން މިމަހުގެ 23 އާއި 30 ވަނަ ދުވަހު ޒުވާނުންނަށް އަމާޒްކޮށް މާތްވެގެންވާ އިސްލާމް ދީނުގެ އަސާސްތަކާއި ގުޅޭގޮތުން ވަރަށް ޚާއްސަ ސެޝަންތަކެއް އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ކުރިޔަށް ގެންދާނެއެވެ. މިހުރިހާ ޕްރޮގްރާމްތަކެއްވެސް އޮންނާނީ މާފަންނު ޒުވާނުންގެ މަރުކަޒުގައެވެ. މި ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލެވިފައިވާއިރު ޔޫތު މިނިސްޓްރީ އަދި މާފަންނު ޒުވާނުންގެ މަރުކަޒަށް ގުޅުއްވައިގެން ޕްރޮގްރާމްތަކާއިގުޅޭ އެންމެހާ މައުލޫމާތުތައް ލިބޭނެއެވެ.

މީގެ އިތުރުން މިއަދު، ވަގުތު އޮންލައިންގެ ވޯލްޑް ކަޕް ގައިޑް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު މާފަންނު ޒުވާނުންގެ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިރޭ މާފަންނު ޒުވާނުންގެ މަރުކަޒުގައި ޒުވާނުންގެ ބަދިގެ ހުނަރު ޕްރޮގްރާމް ކުރިޔަށް ދާނެއެވެ. މި ޕްރޮގްރާމް ކުރިޔަށްދާނީ 8 އިން 10 އަށެވެ. އަންނަ ހޮނިހިރު ދުވަހު ޒުވާނުންގެ ޚާއްސަ މާހެފުމެއްވެސް އެތަނުގައި ކުރިޔަށްދާނެއެވެ. މާފަންނު ޒުވާނުންގެ މަރުކަޒަކީ ވަރަށް ގިނަ ފަރާތްތަކަށް ޒުވާނުންނާއި ކުޅިވަރާ އަދި މުނިފޫހި ފިލުވުވުމުގެ ކަންކަމުގައި އެ އިމާރާތާއި ގޯތި އޮންނަ އުސޫލްގެ ތެރެއިން ހިލޭ ސާބަހަށް ދޫކުރަމުންދާ ތަނެއްކަން ފާހަގަކޮށްލަންޖެހެއެވެ.