ކެރިއަރ އެކްސްޕްލޮރޭޝަން މިއަދު ބާއްވަނީ!

28 މާރިޗު 2018 - 09:03

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމް ކޮށްގެން ޒުވާނުންނަށް އަމާޒްކޮށް ހިންގަމުންގެންދާ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް މިއަދު އޮންނާނެއެވެ. އޮގޮތުން މިއަހަރުގެ ފުރަތަމަ ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމް މިއަދު ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ގުޅިގެން ކަސްޓަމްސްގެ މައި އޮފީހުގައެވެ.

"ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގްރާމަކީ" ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ޓޫރިޒަމް، ޓްރާންސްޕޯޓް، ކޮންސްޓްރަކްޝަން އަދި ސޯޝަލް ސެކްޓަރ ފަދަ ސެކްޓަރތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ތަފާތު ދާއިރާތަކުން ކުރިއަށް ދެވެންހުރި ރޮނގުތަކާއި ބެހޭގޮތުން ޒުވާނުންނަށް މަޢުލޫމާތު ފޯރުކޮށްދީ ވަޒީފާގެ މާޙައުލާއި މެދު ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ.

ކެރިއަރ އެކްސްޕްލޮރޭޝަން ޕްރޮގުރާމްގެ ތެރެއިން ރާއްޖޭގެ އެކި އެކި ސެކްޓަރތަކުގައި ހަރަކާތްތެރިވާ ކުންފުނި/މުއައްސަސާތަކުގެ މަސައްކަތްތަކާއި ބެހޭ މަޢުލޫމާތު އަލަށް ވަޒީފާގެ ބާޒާރަށް ނިކުތުމަށް ތައްޔާރުވާ ޒުވާނުންނަށް ލިބިގެންދިއުމަކީ އެފަރާތްތަކުގެ ވަޒީފާގެ ކުރިއެރުމަށް ނުހަނު ފައިދާ ކުރާނެ ކަމެކެވެ. މި ޕްރޮގްރާމް ހިންގުމަށް ރާވައިފައިވަނީ ކުންފުނި/މުއައްސަސާގެ މަސައްކަތްތަށް ބައިވެރިންނަށް ދައްކައި މަޢުލޫމާތު ދިނުމާއި،މަސައްކަތުގެ މާހައުލުން ތަފާތު ދާއިރާތަކުގެ ބޭފުޅުންނާއި ބައްދަލުވެ އެ ދާއިރާތަކުގެ މައުލޫމާތު ބައިވެރިންނާއި މައުލޫމާތު ހިއްސާކުރާގޮތަށެވެ.

މުޅި އަހަރު ތެރެއަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ ފެށުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ގުޅިގެން ކުރިޔަށްގެންދަން ހަމަޖެހިފައިވާއިރު. 70 އަށްވުރެން ގިނަ ޒުވާނުންވަނީ މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނަން ނޯޓުކޮށްފައެވެ. އަދި ނަން ނޯޓުކޮށްފައިވާ ތަރުތީބުން ކޮންމެ 30 ޒުވާނެއްގެ މެދުގައި ސެޝަންތައް ހިންގާނެއެވެ.
ކެރިއަރ އެކްސްޕްލޮރޭޝަން ފީލްޑް ވިސިޓް ވިތް ކަސްޓަމްސްގެ ކުރިޔަށްހުރި ސެޝަންތައް ތާވަލު ކުރެވިފައިވަނީ އަންނަ މަހުގެ ތާރީޚެއްގައެވެ.