"ވަޒީފާ ޔަގީން" އެކްސްޕޯގައި 54 ޒުވާނަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީފި

24 މާރިޗު 2018 - 12:03

މިިދިޔަ ހުކުރު ދުވަހު ޔޫތް މިނިސްޓްރީން އިސްނަގައިގެން ބޭއްވި "ވަޒީފާ ޔަގީން" އެކްސްޕޯގައި ތިން ކުންފުންޏަކުން ބައިވެރިވe، އެ ކުންފުނިތަކުން ހުޅުވާލި ފުރުސަތުގައި 54 ޒުވާނަކު ވަޒީފާތަކަށް ކުރިމަތިލައިފިއެވެ.

ވަޒީފާ ޔަގީން އެކްސްޕޯގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ބައިވެރިވެފައިވަނީ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ، މޯލްޑިވްސް ޕޯޓް ލިމިޓެޑް އަދި މޯލްޑިވްސް ޕޯސްޓް އިންނެވެ. އެ ކުންފުނިތަކުން 98 ވަޒީފާއަށް ހުޅުވާލި ކަމަށާއި، އޭގެ ތެރެއިން 54 ޒުވާނަަކު ވަޒީފާތަކަށް ކުރިމަތިލާފައިވެއެވެ.

މި އެކްސްޕޯއަށް 1200 އެއްހާ ޒުވާނުން ޒިޔާރަތްކޮށްފައިވާއިރު، މީގެ ތެރެއިން 103 ޒުވާނަކު ނޭޝަނަލް ކެރިއާ ގައިޑެންސްއިން ބަލަހައްޓާ ވަޒީފާ ދަފްތަރުގައި ރެޖިސްޓްރީކޮށްފައިވެއެވެ. އަދި ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ގެޓް ރެޑީ ވޯކްޝޮޕްގައި ވަނީ 104 ޒުވާނުން ރެޖިސްޓަރކޮށްފައެވެ. މީގެ އިތުރުން ކެރިއާ އެކްސްޕްލޮރޭޝަން ވިތް ކަސްޓަމްސް ސާވިސްގައި ވަނީ 58.ޒުވާނަކު ރެޖިސްޓަރވެފައެވެ.

މިފަހަރުގެ އެކްސްޕޯ ބާއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހު ހަވީރު އާއި ރޭގަނޑު ރަސްފަންނުގައެވެ.

މިއީ މި އެކްސްޕޯ ބާއްވާ ހަތަރު ވަނަ ފަހަރެވެ. މީގެ ފުރަތަމަ އެކްސްޕޯ ބޭއްވިފައި ވަނީ ވިލިމާލޭގައެވެ. އަދި ދެވަނަ އެކްސްޕޯ ހުޅުމާލޭގައި ބޭއްވުނުއިރު، ތިން ވަަނަ އެކްސްޕޯ ކުރިއަށްގެންގޮސްފައި ވަނީ ބްރިޖް ޕްލެޓް ފޯމް ސަރަހައްދުގައެވެ.