މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް

ކުޅިވަރުގެ ދާއިރާއަށް މިއަހަރުވެސް ޚާއްސަ އަހައްމިއްޔަތުކަމެއް!

13 މާރިޗު 2018 - 10:03

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ކުޅިވަރުގެ ދާއިރާއަށް ޚާއްސަ އަހައްމިޔަތުކަމެއް ދިނުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ދަނީ ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.

އޮގޮތުން ކުޅިވަރުގައި ޙަރަކާތްތެރިވާ ކްލަބު ޖަމިއްޔާތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ކުޅިވަރުގެ ފައިދާ އެހެންމެހާ ރައްޔިތުންނަށް ޢާންމުކުރުމަށް ގިނަ ކަންތައްތަކެއް ވަނީ މިއަހަރަށް ރާވާފައެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާނަތަށް ޔޫތު މިނިސްޓްރީއިން ކުޅިވަރުގެ ދާއިރާއަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލަށް ބަލާލާއިރު ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް 2.9 މިލިޔަނަށްވުރެން ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވެއެވެ. އަދި އެސޯސިއޭޝަންތަކުން ލިޔެކިއުން ހުށައަޅަމުން އަންނަ މިންވަރަކުން ޖުމްލަ 19 އެސޯސިއޭޝަނަށް ޔޫތު މިނިސްޓްރީއިން ފައިސާ ދޫކުރާނެއެވެ. މީގެ އިތުރުން މިދިޔަ އަހަރުގެ އޭ.އެފް.ސީ ކަޕް ގައި ބައިވެރިވެފައިވާ 2 ކްލަބަށް 5 ލައްކައަށްވުރެން ގިނަ އަދަދެއްގެ ފައިސާވެސް ދޫކޮށްފައިވެއެވެ.

ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް މިހާތަނަށް 1.9 މިލިޔަނަށްވުރެން ގިނަ ރުފިޔާ ދޫކޮށްފައިވާއިރު، މި ކްލަބްތަކުގެ ކޯޗުންނަށްވެސް ވަނީ ފައިސާ ދޫކޮށްފައެވެ. އަދި ޒޯން ސްޓޭޑިއަމްތައް ހިންގުމަށް ކައުންސިލްތަކަށް ވޭދުވެދިޔަ ދެ މަސްދުވަސްތެރޭގައި 3 ލައްކައަށްވުރެން ގިނަ އަދަދެއްގެ ފައިސާވަނީ ދޫކޮށްފައެވެ. 2015 ވަނަ އަހަރު އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ކުޅިވަރުގެ ޤާނޫނު ވަނީ ފާސްކޮށްފައެވެ. އަދި އެއަހަރު ސެޕްޓެމްބަރު މަހުގެ 6 ވަނަވީ އާދީއްތަ ދުވަހު ރައީސް ޔާމީން ވަނީ ކުޅިވަރުގެ ޤާނޫނު ތަސްދީގުކުރެއްވާފައެވެ. މިކުޅިވަރު ޤާނޫނުގެ ދަށުން ޤައުމީ ކުޅިވަރު ކުޅުންތެރިންނަށް ކޮންމެ އަހަރަކުވެސް ދެމުން އަންނަ މުސާރައިގެ ގޮތުގައި ހަމައެކަނި ވޭތުވެދިޔަ 2 މަސް ދުވަސް ތެރޭގައި ޔޫތު މިނިސްޓްރީއިން ވަނީ 4 ލައްކަ އަށްވުރެން ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.
ރާއްޖޭގެ ކުޅިވަރު އިންފްރާސްޓްރަކްޗަރ ގާއިމްކުރުމުގެގޮތުން ޔޫތު މިނިސްޓްރީއިން ހިންގަމުންގެންދާ މަޝްރޫއުތަކަށް ބަލާލާއިރު ސްޕޯޓްސް އެރީނާގެ 80 އިން ސައްތަ ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ވަނީ ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. އަދި ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ނުނިމި ހުރި މަސައްކަތުގެ ތެރޭގައި ކޮންޓްރެކްޓަރުންނާއި ކައުންސިލްތަކާއި ހަވާލުކޮށްފައިވާ މަޝްރޫއުތަކާއި އެމް.އާރު.ޑީ.ސީ އާއި ހަވާލުކޮށްފައިވާ 67 ފުޓްސަލް ދަނޑުގެ ތެރެއިން ބާކީ ހުރި ދަނޑުތަކުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިޔަށްގެންދިޔުމަށް ޔޫތު މިނިސްޓްރީގެ ފަރާތުން ޚާއްސަ އިސްކަމެއްދޭނެއެވެ.

ފުޓްސެލްދަނޑުތައް ގާއިމްކުރެވިފައިވާ ރަށްރަށް އިންސްޕެކްޓްކުރުމަށް އެފް.އޭ.އެމްއާކު މިނިސްޓްރީގެ ވަފުދެއް ދަތުރުކުރުމަށް ހަމަޖެހިފައިވާއިރު، ހުޅުމާލޭ ފުޓްސެލްދަނޑުތަކުގެ ދާއިމީ ކަރަންޓްލުމުގެ މަސައްކަތްވެސް އަންނަނީ ކުރެވެމުންނެވެ. މިއަހަރު ފެށިގެން މިހާތަނަށް އައިރު މަޝްރޫއުތަކަށް 2.1 މިލިޔަނަށްވުރެން ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ޔޫތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން މިއަހަރު ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކަށް ބަލާލާއިރު ޔޫތު ފުޑް ފެސްޓިވަލް 2018 މި މަހު 17 ވަނަ ދުވަހު މާފަންނު ޒުވާނުންގެ މަރުކަޒުގައި އޮންނާނެއެވެ. އަދި ސްޕޯޓްސް މެޑަލް ސެރެމޮނީ އާއި، ސްޕޯޓްސް ފޯ އޯލް އަދި ޔޫތު ފޯރަމްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ރައީސް ޔާމީންގެ ސަރުކާރުން ވަނީ ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުވުމުގެ ގޮތުން އެތައް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އޮގޮތުގެ މަތިން 800 މިލިޔަނަށްވުރެން ގިނަ ދިވެހި ރުފިޔާ ވަނީ ޔޫތު މިނިސްޓްރީގެ ބަޖެޓުން ޚަރަދުކޮށްފައެވެ.