ޔޫތު ޗެލެންޖްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި!

15 ޖެނުއަރީ 2018 - 12:01

1999 އިން ފެށިގެން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ޔޫތު ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޔޫތު ޗެލެންޖް ގެ މީޑިއާ ޕާރޓްނަރ ޕީ.އެސް.އެމް އާއި އެކު މިއަދު އެއްބަސްވުމުގައި ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ސޮއި ކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއަހަރުގެ ޔޫތު ޗެލެންޖު ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބުރުއަރީ 8، 9 އަދި 10 ވަނަ ދުވަހު ދަރުބާރުގޭގައެވެ. އަދި ކޮންމެ ދުވަހަކު ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 23:00 އަށް މި ޕްރޮގްރާމް ކުރިޔަށްދާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ މިއަހަރުގެ ޔޫތު ޗެލެންޖްގެ މަޤްޞަދަކީ ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި ތަޢުލީމާއި ތަމްރީން އަދި ވިޔަފާރި ކުރަމުން ގެންދާ ޒުވާނުންގެ ވިޔަފާރިތައް އަދި ވިޔަފާރީގެ ބާޒާރަށް ތަޢާރަފްކުރަން ބޭނުންވާ އައުއުފެއްދުންތައް ޕްރޮމޯޓްކުރުންކަމުގައެވެ. "މީގެ އިތުރުން ވިޔަފާރިތަކުން އުފެދިފައިވާ ވަޒީފާތައް އަދި މަސައްކަތުގެ ދާއިރާއިން ތަޖްރިބާހޯދުމަށް ބޭނުންވާ ފަރާތްތަކަށް މަސައްކަތުގެ ބާޒާރުގައި ހުރި އެޕްރެންޓިސްޝިޕް އަދި އިންޓަރންޝިޕް (ދަސްވާރު) ޕްރޮގްރާމްތަކާ ބެހޭ މަޢުލޫމާތު އަދި އިޖްތިމާޢީ މަސައްކަތުގައި ކުރިއަށް ދާން ބޭނުންވާ ޒުވާނުންނަށް އެފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، އެކުވެރި މާޙައުލަކުން ޒުވާނުންނަށް މަޢުލޫމާތުތައް ލިބޭނެގޮތް ފަހިކޮށްދިނުން." މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

މިއަހަރުގެ ޔޫތު ޗެލެންޖްގައި ޒުވާން ފަންނާނުވެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުޞަތުތައް ފެނިގެންދާއިރު މި ޔޫތު ޗެލެންޖްގައި ރާއްޖޭގައި ހުރި މަތީ ތަޢުލީމްދޭ ކޮލެޖް، ޔުނިވަރސިޓީ އަދި ޒުވާނުންނަށް ވަޒީފާ އަދި ދަސްވާރު ޕްރޮގްރާމްތަކުގެ ފުރުޞަތު ހުރި ކުންފުނިތަކުގެ އިތުރުން، ޒުވާން ވިޔަފާރިވެރިންނާއި އުފެއްދުންތެރިން އަދި އިޖްތިމާޢީ ދާއިރާގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާތައް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ޔޫތު ޗެލެންޖުގައި ބައިވެރިވާ ފަރާތްތަކުގެ އަތުން އެއްވެސް ފީއެއް ނުނަގައި މި ފެއާއަށް ވަނުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލެވިފައިވާއިރު އެޕްލިކޭޝަން ފޯމް ލިބިވަޑައިގަންނަވާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުންނާއި، މާފަންނު ޒުވާނުންގެ މަރުކަޒުގެ އިތުރުން މިނިސްޓްރީގެ ވެބްސައިޓުންނެވެ.