މިނިސްޓަރ އިރުތިޝާމް އާދަމް ކ.ތުލުސްދޫ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފި!

24 އޯގަސްޓް 2017 - 17:08

މިނިސްޓަރ އިރުތިޝާމް އާދަމް ކ.ތުލުސްދޫ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ކ.ތުލުސްދޫގައި އަލަށް ޤާއިމްކުރެވުނު ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މި ފުޓްސަލް ދަނޑަކީ ދައުލަތުގެ ބަޖެޓުން 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްގެން ގާއިމްކޮށްފައިވާ ދަނޑެއްކަމަށެވެ. އަދި ފުޓްސަލް ދަނޑުގެ އިތުރުން އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން ބަށި ކޯޓެއް ޤާއިމްކުރެވިފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ތުލުސްދޫގައި އިތުރު 2 ވޮލީ ކޯޓާއި ނެޓްބޯޅަ ކޯޓެއް އެޅުމަށް ބިޑްތައް އިވެލުއޭޓް ކުރެވެމުންދާކަމަށެވެ. އަދި އެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެކަމަށެވެ.

"މިރަށުގައި ގާއިމްކުރެވިފައިވާ ކުޅިވަރުގެ ވަސީލަތްތަކަށް މިހާތަނަށް ދައުލަތުގެ ބަޖެޓުން 2 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފަ. ކ.އަތޮޅަކީވެސް ސްޕޯޓްސް އެރީނާ މަޝްރޫޢު ބާރު ސްޕީޑެއްގައި ކުރިއަށްދާ އަތޮޅެއް. މިއަތޮޅުގައި މިހާތަނަށް 5 ރަށެއްގައި ފުޓްސަލް ދަނޑު ވަނީ ގާއިމްކުރެވިފަ. އަދި 4 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުން. މިއަތޮޅުގައި ގާއިމްކުރެވިފައިވާ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ވަނީ ޚަރަދު ކުރެވިފަ،" ޔޫތު މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އިތުރިޝާމް އާދަމް ވަނީ ރައީސް ޔާމީން ޒުވާނުންގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ރާއްޖޭގެ 70 ރަށެއްގައި ފުޓްސަލް ދަނޑު ޤާއިމްކުރެވިފައިވާކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި މި ދަނޑުތައް ޤާއިމްކުރުމަށް ދައުލަތުގެ ބަޖެޓުން 200 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރެވިފައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

"ހަމަ އެހެންމެ 101 ދަނޑެއްގެ މަސައްކަތްވެސް މިހާރުވެސް ކުރެވެމުންދާއިރު 26 ދަނޑެއްގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ވަނީ ޕްލެއިން ކުރެވިފަ. މިފުރުސަތުތަކަކީ އަދުގެ ރައީސުލް ޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ޒުވާނުންނަށް ހާއްސަ ކުރައްވައިގެން ގެނެސްދެއްވާފައިވާ ތަރައްގީ. އެހެންކަމުން މިފުރުސަތުގައި އެމަނިކުފާނަށް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން.،" މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހަށް އަލިއަޅުވާލާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަކީ ދިވެހި ޒުވާނުންނަށް ހާއްސަ ކުރެވިފައިވާ ޒުވާނުންގެ ދުވަހަށް ވާއިރު އެދުވަހު ގިނަ ހަރަކާތްތަކެއް ރާވައި ހިންގުމަށް ޕްލޭން ކުރެވިފައިވާކަމަށެވެ. އަދި ޒުވާނުން ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކޮށް ދެވޭ ޒުވާނުންގެ އިނާމަށް ކުރިމަތި ލުމުގެ ފުރުސަތު އީދު ބަންދަށްފަހު ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.