ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ނަޝީދު ށ.ފޯކައިދޫ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފި!

24 އޯގަސްޓް 2017 - 15:08

ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ނަޝީދު ށ.ފޯކައިދޫ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

އިއްޔެ ފޯކައިދޫގައި އަލަށް ޤާއިމްކުރެވުނު ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ނަޝީދު ވިދާޅުވީ، މި ފުޓްސަލް ދަނޑަކީ ދައުލަތުގެ ބަޖެޓުން 1.9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްގެން ގާއިމްކޮށްފައިވާ ދަނޑެއްކަމަށެވެ. އަދި ބޮޑު ފުޓުބޯޅަ ދަނޑު ލެވެލް ކޮށް ފެންސު ޖެހިފައިވައިވާއިރު ބަށި ކޯޓެއް ޤާއިމްކުރެވިފައިވާހަކަ އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އަޙުމަދު ނަޝީދު ވިދާޅުވީ ފޯކައިދޫގައި ފޯރިއާއިއެކު ކުޅެމުން އަންނަ ވޮލީއަށް 2 ކޯޓު އަދުގެ ސަރުކަރުން ޤާއިމްކޮށްދެއްވާފައިވާކަމަށެވެ.

"މިރަށުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ދައުލަތުގެ ބަޖެޓުން 3.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދު ކޮށްފަ. މިއަތޮޅަކީ ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ އަތޮޅެއް. މިހާރުވެސް މިއަތޮޅުގެ 9 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު މިދަނޑު ހިމެނޭ ގޮތަށް 3 ރަށުގައި ވަނީ ފުޓްސަލް ދަނޑުގެ މަސައްކަތް ނިމިފަ. މީގެ އިތުރުންވެސް އެރީނާއިގައި ހިމެނޭ އެހެނިހެން ކޯޓުތައް ގާއިމް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން،" ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙުމަދު ނަޝީދު (ޑޭވް) ވިދާޅުވިއެވެ.

ށ.އަތޮޅުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް މިހާތަނަށް ދައުލަތުގެ ބަޖެޓުން 30 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. "ޑޭވް" ގެ އިތުރުން މިދަތުރުގައި ޔޫތު މިނިސްޓްރީގެ ދެ އެގްޒެކެޓިވް ކޯރޑިނޭޓަރުން ކަމުގައިވާ މުޙައްމަދު ނާޒިލް އާއި އަޙުމަދު ޝިޔާޒު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މިދަތުރުގައި ފޯކައިދޫ ޒުވާނުންނާއި މި ތިން ބޭފުޅުންވެސްވަނީ ބައްދަލުކުރައްވާފައެވެ.