މިނިސްޓަރ އިރުތިޝާމް އާދަމް ރ.އުނގޫފާރު ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑާއި ބަށި ކޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފި!

22 އޯގަސްޓް 2017 - 11:08

މިނިސްޓަރ އިރުތިޝާމް އާދަމް ރ.އުނގޫފާރު ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑާއި ބަށި ކޯޓު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

މިއަދު އުނގޫފާރުގައި އަލަށް ޤާއިމްކުރެވުނު ފުޓްސަލް ދަނޑާއި ބަށި ކޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ، 22 ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ރ.އަތޮޅަކީވެސް ސަރުކާރުން ނުހަނު އިސްކަމެއްދޭ، އަދި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ އަތޮޅެއްކަމުގައެވެ. އަދި ރ.އަތޮޅަކީ ޒުވާނުންގެވެސް ބޮޑު އާބާދީއެއް އޮތް ކުޅިވަރަށް ނުހަނު ލޯބިކުރާ ޒުވާނުންތަކެއް އުޅެމުންދާ އަތޮޅަކަށްވުމުން ރ.އަތޮޅުގައިވެސް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަކަމުގައި މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ. "މިރަށުގައި މިރޭ މިހުޅުވޭ ފުޓްސަލް ދަނޑަކީވެސް މީގެ ތެރެއިން އެއް މަސައްކަތް ކަމުގައި ދަންނަވާލަން. ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތަކާއި ކުޅިވަރު ކުޅޭނެ ސާމާނު ފަސޭހަ ކަމާއިއެކު ލިބޭނެ ގޮތްތައް ތަނަވަސް ވެގެން މިދަނީ ހަރުދަނާ ލީޑަޝިޕެއްގެ ދަށުން މަސައްކަތް ކުރެވެމުންދާތީ. މި ފުރުސަތުގައި ޒުވާނުންނަށް ގެނެސްދެއްވާ ބޮޑެތި ތަރައްގީއަށްޓަކައި އަދުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަށް ނުހަނު އިހުލާސްތެރި ކަމާއިއެކު ޝުކުރު ދަންނަވަން،" މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.
މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިގޮތުގައި އުނގޫފާރު ފުޓްސަލް ދަނޑަށް މިނިސްޓްރީއިން ވަނީ 1.8 މިލިޔަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކުރެވިފައެވެ. އަދި މިހާރުވެސް ޒުވާނުން ނުހަނު ބޮޑު ހިންހަމަ ޖެހުމަކާއިއެކު ބޭނުން ކުރަމުންދާ މި ފުޓްސަލް ދަނޑުގެ އިތުރުން އަންހެން ކަނަބަލުންނަށް ޚާއްސަކޮށްގެން ބަށި ކޯޓެއް ޤާއިމްކޮށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރެވިފައިވާކަމަށް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

"މިއަތޮޅުގައި މިނިސްޓްރީގެ މަޝްރޫއެއް ނުހިނގައި އަދި ނުނިމި އޮތް އެއްވެސް ރަށެއް ނޯންނާނެ. މިއަތޮޅުގެ 8 ރަށުގައި ފުޓްސަލް ދަނޑުގެ މަސައްކަތް ނިމި ބޭނުން ކުރަމުންދާއިރު ބާކީ ހުރި ރަށްތަކުގައި މިހާރުވެސް މަސައްކަތް ކުރިއަށްދާކަން އުފަލާއިއެކު ފާހަގަކޮށްލަން. އެރީނާގައި ހިމެނޭ މަޝްރޫއުތައް ރ.އަތޮޅުގައި ހިންގުމަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް 18 މިލިޔަނަށްވުރެ ގިނަ ރުފިޔާވަނީ ހޭދަކޮށްފަ. ޒުވާނުންނަށްޓަކައި، ޒުވާނުން ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމަށް އެއްވެސް ސަރުކާރަކުން މިފަދަ ބޮޑު ހޭދައެއް ކޮށްފައި ނުވޭ. މިހޭދަ ޒުވާނުންނަށްޓަކައި ކޮށްދެއްވަނީ ރައީސް ޔާމީން. މިސަބަބަށްޓަކައި ރައީސް ޔާމީންއަށް ނުހަނު އިޚުލާސްތެރި ކަމާއިއެކު އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިރުތިޝާމް އާދަމް އާއި، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޖައުފަރު ދާވޫދު އަދި މިނިސްޓްރީގެ ޓީމް ރ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުގައި ރ.އުނގޫފާރުގެ އިތުރުން ރ.އިނގުރައިދޫ ފުޓްސަލް ދަނޑުވެސް ވަނީ ރަސްމީކޮށް ހުޅުވިގެންގޮސްފައެވެ.