މިނިސްޓަރ އިރުތިޝާމް އާދަމް ރ.އިނގުރައިދޫ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފި!

22 އޯގަސްޓް 2017 - 08:08

މިނިސްޓަރ އިރުތިޝާމް އާދަމް ރ.އިނގުރައިދޫ ސްޕޯޓްސް އެރީނާ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.

ރ.އިނގުރައިދޫ ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ޒަމާނީ ފެންވަރަށް ރޭގަނޑާއި ދުވާލުވެސް ކުޅެވޭގޮތައް އިނގުރައިދޫގައި ހުޅުވިގެންދިޔަ ފުޓްސަލް ދަނޑަކީ މިރަށުގެ ޒުވާނުންނަށް ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅެއްކަމުގައެވެ. އަދި މިފަދަ ވަސީލަތްތައް ޒުވާނުންނަށް ތަނަވަސް ކޮށްދެއްވާ ކަމަށްޓަކައި އަދުގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމަށް ނުހަނު އިހުލާސްތެރި ކަމާއިއެކު އެކަމަނާ ޝުކުރު ދެންނެވިއެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ފުޓްސަލް ދަނޑުގެ އިތުރުން އިނގުރައިދޫ އަންހެނުންނަށް މީގެ ކުރިން ވާނީ ބަށި ކޯޓެއް ޤާއިމްކޮށްދެވިފައިކަމަށެވެ. އަދި މީގެ އިތުރުން އެރަށުގައި ވޮލީ ކޯޓެއް އެޅުމަށްޓަކައި ކައުންސިލުން އިއުލާންކުރުމަށް ދެންނެވިފައިވާކަމަށްވެސް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ. "އެރީނާގައި ހިމެނޭ އެހެނިހެން ވަސީލަތްތައް މިރަށުގައި ގާއިމްކުރުމަށް ވަނީ ރޭވިފަ. މިރަށުގެ ޒުވާނުންނަކީވެސް ހުސްވަގުތުތަކުގައި މިވަސީލަތްތަކުގެ ބޭނުންކުރާ ޒިންމާދާރު ޒުވާނުންތަކެއް ދިރިއުޅޭ ރަށެއްގެ ގޮތުގައި ވެގެންދާނެ ކަމަށް އުންމީދުކުރަން. ޒުވާނުންނަށްޓަކައި މިފަދަ އުންމީދީ މަސައްކަތްތަކެއް ރައީސް ޔާމީން ކުރައްވަމުން މިގެންދަވަނީ ޒުވާނުންނާއިމެދު އެމަނިކުފާނު ކުރައްވާ އުންމީދުވެސް ބޮޑުވާތީ. ކުޅިވަރުގައިވެސް އަދި އާންމު ދިރިއުޅުމުގައިވެސް ޒުވާނުންނަކީ ބޭނުންތެރި ރީތި އަޚުލާގެއްގެވެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް،" މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް އިއްޔެ ރ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައިވަނީ މިނިސްޓްރީގެ ޓީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޖައުފަރު ދާވޫދު ބައިވެރިވެޑައިގަންނަވާފައެވެ. އަދި މިދިޔަ މެއި މަހުގެ 2-1 އަށް މިނިސްޓަރ އިރުތިޝާމް އާއި މިނިސްޓްރީގެ ޓީމް ވަނީ ރ.އަތޮޅުގެ ވާދޫ، އުނގޫފާރު، މާކުރަތު، އަދި ހުޅުދުއްފާރަށް ދަތުރުކުރައްވާފައެވެ. އެދަތުރުގައި ރ.ވާދޫ ފުޓްސަލް ދަނޑު ހުޅުވުމާއި. މާކުރަތު ޒުވާނުންގެ މަރުކަޒު ހުޅުވުމާއި، އަދި ހުޅުދުއްފާރާއި އުނގޫފާރުގެ ރައްޔިތުން އަދި ވަކިން ޚާއްސަކޮށް ޒުވާނުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި ޔޫތު މިނިސްޓަރ ވަނީ މިދެރަށުގެ ޒުވާނުންނަށް މިނިސްޓްރީގެ މަޝްރޫޢުތަކާއިބެހޭ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. އަދި އޭގެފަހުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި އުނގޫފާރުގެ ފުޓްސަލް ދަނޑު މިއަދު ރަސްމީކޮށް ހުޅުވިގެން ދިއުން ފާހަގަކޮށްލަން ޖެހެއެވެ.