ހޮޅުދޫ ޒުވާނުންގެ މަރުކަޒުން އިސްނަގައިގެން އޮފީސްތަކުގެމެދުގައި ބެޑްމިންޓަން މުބާރާތެއް ބާއްވައިފި!

21 އޯގަސްޓް 2017 - 12:08

އެޗް.ވައި.ސީ އިންޓަރ އޮފީސް ބެޑްމިންޓަން ޗެލެންޖް 2017 ގެ ނަމުގައި ނ.ހޮޅުދޫ ޒުވާނުންގެ މަރުކަޒުން އިންތިޒާމްކުރި މި މުބާރާތަކީ ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމެޓީއާއި ގުޅިގެން ކުރިޔަށްދިޔަ މުބާރާތެކެވެ. ހޮޅުދޫ ބެޑްމިންޓަން ޑިވެލޮޕްމެންޓް ކޮމެޓީއަކީ ބެޑްމިންޓަން އެސޯސިއޭޝަންގެ ދަށުން އުފެދިފައިވާ ގޮތްޕެކެވެ. މި މުބާރާތުގައި ބައިވެރިވެފައިވަނީ ފެނަކަ ކޯޕަރޭޝަނާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އާއި، ބޭންކް އޮފް މޯލްޑިވްސް އާއި، ހޮޅުދޫ ކައުންސިލާއި، ހެލްތް ސެންޓަރ ގެ އިތުރުން ހޮޅުދޫ މޭނާ ސްކޫލެވެ.

ޖުމްލަ 6 ޓީމަކުން ވާދަކުރި މި މުބާރާތުގައި ރޭ ފައިނަލް މެޗްގައި ބައްދަލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން އާއި ހޮޅުދޫ މޭނާ ސްކޫލެވެ. ސިންގަލްސް ފިރިހެން އަދި އަންހެން މެޗް ކާމިޔާބުކޮށްފައިވަނީ ފެނަކައިންނެވެ. އަދި ޑަބަލްސް ފިރިހެން މެޗް ހޮޅުދޫ މޭނާ ސްކޫލުން ކާމިޔާބުކޮށްފައިވާއިރު އަންހެން ޑަބަލްސް މެޗްވެސް ކާމިޔާބުކުރީ ފެނަކައިންނެވެ. އެހެންކަމުން ޓީމް އިވެންޓަށް ބަލާއިރު 1-3 އިން ފެނެކައިންވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ. ކޮންމެ ޓީމަކުންވެސް ބޭރު ތިން ކުޅުންތެރިން ބައިވެރިކުރެވޭގޮތަށް ކުރިޔަށްދިޔަ މި މުބާރާތުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޢާއިޝަތު އަފްނާން ރަޝީދު އެވެ. އަދި އެންމެ މޮޅު ފިރިހެން ކުޅުންތެރިޔަކީ އިބްރާހީމް ސަމީހުއެވެ. މިދެ ކުޅުންތެރިންވެސް ބައިވެރިވެފައިވަނީ ފެނަކައިންނެވެ. މީގެ އިތުރުން އަތޮޅު ލީގުގައި މިހާރުވެސް ކުޅެމުން އަންނަ ބ.އޭދަފުށީ ޙުސައިން މުޙައްމަދު ވެސްވަނީ މިމުބާރާތުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ކޯޗުންނާއި މެނޭޖަރުން ހިމެނޭގޮތަށް ޖުމްލަ 72 ބައިވެރިން ވަނީ މި މުބާރާތުން ފެނިގެން ގޮސްފައެވެ.

ނ.ހޮޅުދޫ ޒުވާނުނުންގެ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އަޙްމަދު ހަމްދާން ވިދާޅުވިގޮތުގައި މި މުބާރާތުގެ މަޤްސަދަކީ މުއައްސަސާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އަތޮޅާއި ރަށުގެ ޢިއްޖުތިމާއީ ފޭރާން ވަރުގަދަކުރުމެވެ. އަދި ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޒުވާނުންނާއި ކުޅިވަރަށް ބަހައްޓަވާ އަހައްމިއްޔަތުކަން ރައްޔިތުންނަށް ހާމަކޮށްދީ މިފަދަ ގިނަ ހަރަކާތްތަކެއް ހިންގުމުގެ ވިސްނުން ގެންގުޅުއްވާކަމަށްވެސް ހަމްދާން ވިދާޅުވިއެވެ. މި މުބާރާތް ކުރިޔަށް ގޮސްފައިވަނީ މި މަހު 17 އިން 20 ވަނަދުވަހުގެ ނިޔަލަށެވެ.