ރައީސް ޔާމީން ދިވެހި ޒުވާނުން ބާރުވެރިކޮށް އެޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅުތަކުގައި އަންނަނީ ތަޞައްވަރުގެ ކުލަޖެހެމުން – މިނިސްޓަރ އިރުތިޝާމް

08 މެއި 2017 - 00:05

ރައީސް ޔާމީން ދިވެހި ޒުވާނުން ބާރުވެރިކޮށް އެޒުވާނުންގެ ތަރައްޤީއާއި ކުރިއެރުމަށް ކުރައްވާ ބުރަ މަސައްކަތްޕުޅުތަކުގައި އަންނަނީ ތަޞައްވަރުގެ ކުލަޖެހެމުންކަމަށް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓްރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް މިމަހުގެ 4 ވަނަދުވަހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އައްޑޫ ސިޓީ ފޭދޫގައި ސްޕޯޓްސް އެރީނާގެ މަޝްރޫޢުގެދަށުން ޤާއިމްކުރެވޭ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްގެ އެއްބަސްވުމުގައި ސޮއިކުރުމާއި ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ދިވެހި ޒުވާނުން
ފަޚުރުވެރިވާކަމާށެވެ.

އައްޑޫ ސިޓީ ފޭދޫގައި ބޭއްވުނު މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މީގެކުރިން ދިވެހި ޒުވާނުންނަށް އަމާޒްކޮށްގެން އެޒުވާނުންގެ ކުރިއެރުމަށާއި ބާރުވެރިކަމަށް
އަދި ޒުވާނުންގެ ތަރައްޤީއަށް ހިންގިފައިނުވާ އެތަކެއް ގިނަގުނަ މަޝަރޫޢުތަކާއި ޕްރޮގްރާމްތައް ވޭދުވެދިޔަ ތިންއަހަރުގައި ހިންގިފައިވާކަމަށެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ ކޮންމެ ރަށެއްގައި ސްޕޯޓްސް އެރީނާއެއް ޤާއިމްކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ އެފަދަ ބޮޑު ބިޔަ މަޝްރޫޢުތަކެއް ހިންގަން ކެރިވަޑައިގެންނެވީ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމުގައި މިނިސްޓަރ ވިދާޅުވެފައިވެއެވެ.

މިރަސްމިއްޔާތުގައި އައްޑޫ ސިޓީ ފޭދޫ ސްޕޯޓްސް ކޮމްޕްލެކްސް ޤާއިމްކުރުމަށްޓަކައި ވިމްލާ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑް އާއިއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާއިރު، އެގްރީމެންޓްގައިވާގޮތަށް އެމަސައްކަތް މިއަހަރުގެ އޮކްޓޯބަރގެ ނިޔަލަށް ނިންމަވާލަދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންފައިވެއެވެ. މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މިމަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 4.5 މިލިއަން ދިވެހި ރުފިޔާއަށްވުރެން ގިނަރުފިޔާ ޚަރަދުކޮށްގެން ޤާއިމް ކުރުމަށް ރޭވިފައިވާ އަދި ދިވެހި ޒުވާނުންގެ އަތުން އެއްވެސް ފީއެއް ނެގުމަކާއިނުލާ ދިވެހި ކޮންމެ ދަރިއަކަށް ބޭނުންކުރެވޭނެ ކޮމްޕްލެކްސްއެއްކަމުގައެވެ. "މިއީ ހަމަ ޔަގީނުންވެސް ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މިރަށުގެ ޒުވާނުންނަށް ދެއްވާ ވަރަށްވެސް އަގުބޮޑު ހަދިޔާއެއް. މިތަނަކީ އެންމެ ޒަމާނީ ފެންވަރެއްގައި އިމާރާތްކުރެވި އެއްފުރާޅެއްގެ ދަށުން ތަފާތު އެކިއެކި އާދެ! ވަރަށްވެސް ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ އިންތިޒާމުތަކާއިއެކު ހުޅުވިގެންދާ ތަނެއް. އައްޑޫ ސިޓީ ފޭދޫގައި ޒުވާނުންނަށް އަމާޒްކޮށްގެން ދިވެހި ސަރުކާރުން އަންނަނީ ބޮޑެތިހޭދަތަކެއް ކުރަމުން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި އައްޑޫ ސިޓީގެ ޒުވާނުންގެ ތަރައްޤީއަށް މިހާތަނަށް ހިންގުނު މަޝްރޫއުތަކުގެ އަގުވަނީ 65 މިލިއަނަށްވުރެން މައްޗަށް އަރާފައެވެ. އަދި މިއީ ސަރުކާރުން ދިވެހި ޒުވާނުންގެ ތަރައްޤީއަށް އެއް އަތޮޅަކަށް ބަލާއިރު ކޮށްފައިވާ ބޮޑު ހޭދައެއްކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. "މީގެ އިތުރުން ދާދިފަހުން، އާދެ! މިދިޔަ މަހުގެ 16 އިން 17 އަށް އަޅުގަނޑުމެންވާނީ އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް ދަތުރުކޮށް ޒުވާނުންގެ މަރުކަޒުތަކަށް ޒިޔާރަތްކޮށްފަ. އަދި ހުރިހާ ރަށެއްގެ ޒުވާނުންނާއިވެސް އަޅުގަނޑު ބައްދަލުކޮށްލިން. ކުޅިވަރުގެ މަޝްރޫޢުތައް ހިންގެވުމަށް އައްޑޫ ސިޓީއަށް 36 ބިމެއް މިނިސްޓްރީގެދަށަށް ރަޖިސްޓްރީވެފައިވާކަމުގެ އުފާވެރި ޚަބަރުވެސް ޒުވާނުންނާއި ހިއްސާކުރެވުނު،" މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

ދާދި ފަހުން ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ، ހުޅުދޫ އަދި މީދޫގައި 11 ކުޅިވަރު ވަސީލަތެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ. އަދި އައްޑޫ ސިޓީ ފޭދޫ ސްޕޯޓްސް އެރީނާ ބަށިކޯޓު، ނެޓްބޯޅަކޯޓުގެ މަސައްކަތް ޔޫތު މިނިސްޓްރީއިން އަންނަ އަހަރަށް ޕްލޭން ކޮށްފައިވާއިރު، އިންޑޯ ކޮމްޕްލެކްސް އާއި، ސްޕޯޓްސް އެރީނާގެ އެންމެހާ ކޯޓުތައް ޤާއިމްކޮށް ނިމިގެންދާއިރު މި އެރީނާގެ ވަށާފާރު ރޭނުމާއި ފެންސްޖެހުންވެސް ނިމިގެންދާނެއެވެ.

އައްޑޫ ސިޓީއަށް މިނިސްޓަރ އިރުތިޝާމް ކުރެއްވި ދަތުރުފުޅުގައި ހިތަދޫޒުވާނުންނާއި ރައްޔިތުންނާއިވެސް ބައްދަލުކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.އަދި މިނިސްޓަރގެ މިދަތުރުފުޅުގައި މިނިސްޓަރގެ ޓީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙައްމަދު ޝާހިދުއާއި ފެދޫދާއިރާގެޢިއްޒަތްތެރި މެމްބަރ އިބްރާހިމް ދީދީ (އައިބީ) ބައިވެރިވެވަޑައިގެންނެވިއެވެ. އައްޑޫ
ސިޓީގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ރައްޔިތުންވަނީ މިނިސްޓަރ އިރުތިޝާމް އާއި މިނިސްޓްރީގެ ޓީމަށް ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.