ޔޫތު މިނިސްޓްރީ އިން ކ.އަތޮޅުގެ ޒުވާނުންގެ ތަރައްޤީއަށް މިހާތަނަށް ހިންގުނު މަޝަރޫއުތަކަށް 14 މިލިއަނަށްވުރެން ގިނަ ރުފިޔާ!

04 މެއި 2017 - 00:05

ޔޫތު މިނިސްޓްރީ އިން ކ.އަތޮޅުގެ ޒުވާނުންގެ ތަރައްޤީއަށް މިހާތަނަށް ހިންގުނު މަޝަރޫއުތަކަށް 14 މިލިއަނަށްވުރެން ގިނަ ރުފިޔާ ޚަރަދުވެއްޖެއެވެ.

މިނިސްޓްރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް މިމަހުގެ 3 ވަނަދުވަހު ކ.ގުރައިދޫގެ ފުޓްސަލް ދަނޑު ހުޅުވައިދެއްވައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިގިތޮގައި މިފުޓްސަލް ދަނޑަކީ މިރަށުގެ ޒުވާނުންނަށްޓަކައި ދައުލަތުގެ ބަޖެޓުން 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޙަރަދުކޮށްގެން ގާއިމްކޮށްފައިވާ ދަނޑެއްކަމުގައެވެ. އަދި މުޅި ކ.އަތޮޅަށް މިހާތަނަށް 14 މިލިޔަނަށްވުރެން ގިނަ ދިވެހިރުފިޔާ ޚަރަދުވެފައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ކ.ގުރައިދޫގައި ބޭއްވުނު މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފުޓްސަލް ދަނޑެއްގެ އިތުރުން ޒުވާނުންގެ މަރުކަޒަކާއި އަންހެން ކަނބަލުންނަށް ބަށިކޯޓެއްވެސް މިރަށުގައި ގާއިމްކުރެވިފައިވާކަމަށެވެ. އަދި ސްޕޯޓްސް އެރީނާގައިހިމެނޭ އެހެނިހެން މަސައްކަތްތައްވެސް މިރަށުގައި ކައިރި މުސްތަޤުބަލެއްގައިނިންމާލެވޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ."ގުރައިދޫގައި މިހާތަނަށް ގާއިމްކުރެވިފައިވާ ކުޅިވަރުގެ ވަސީލަތައްތަކަށް އެކަނި ދައުލަތުގެ ބަޖެޓުން ވަނީ 3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފަ، އާދެ! ސަރުކާރުން މިފަދަ ވަސީލަތްތައް ގާއިމް ކުރަމުންދަނީ ޒުވާނުންނަށްޓަކައި، ޒުވާނުންގެ ހަމަޖެހުމާއި ޒުވާނުންގެ މުސްތަގުބަލަށްޓަކައި، ރާއްޖޭގެ މާޒީވި ތާރީޚުގައި ޒުވާނުންނާއި ގުޅުންހުރި މިފަދަ ތަރައްޤީގެ މަޝްރޫޢުތައް ނުފެނުނު ކަމުގައި ވީނަމަވެސް މިއަދު މިކަންކަން ތަންފީޒު ވަމުން މިދަނީ ހަރުދަނާ ލީޑަރެއްގެ ފަހަތްޕުޅުގައި ގައުމުގެ ޒުވާނުން ތިއްބެވުން،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި ޒުވާނުންނަށް މިފަދަ ފަހި ފުރުސަތުތައް ގެނެސްދެވޭނީ ސަރުކާރާއި ގުޅިގެންނެވެ. އަދި އެރަށެއްގައިވެސް ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރާ ކައުންސިލެއްވެސް އޮވެގެންނެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ސަރުކާރުގެ ވުޒާރާތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔަ ނަމަވެސް ބައެއް ރަށްރަށުގައި އޮންނަ ކައުންސިލްތަކުން ރަށުގެ ތަރައްގީއަށް ހިންގަން މަސައްކަތް ކުރާ މަޝްރޫޢުތައް ހުއްޓުވުމަކީ ބަލައި ގަނެވޭނެ ކަމެއްނޫންކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކ.އަތޮޅު ގުރައިދޫއަށް މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރގެ ޓީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުން ކަމުގައިވާ ކ.ގުރައިދޫ ދާއިރާ މެމްބަރ އިބްރާހިމް ރިޒާ އާއި އައްޑޫ ސިޓީ ހުޅުދޫ ދާއިރާ މެމްބަރ މުޙައްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިދަތުރުގައި މިނިސްޓަރ އިރުތިޝާމް އާއި ޓީމަށް ކ.ގުރައިދޫގެ ޒުވާނުންވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ. ޔޫތު މިނިސްޓްރީއިން ކ.އަތޮޅުގައިވެސް ސްޕޯޓްސް އެރީނާގެ މަޝްރޫއު ހިންގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.