ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުއްޓާއި ށ.މިލަންދޫގައި ގިނަ އިންޑޯ ކުޅިވަރުތަކެއް ހިމެނޭގޮތަށް ގާއިމްކުރެވޭ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

30 އޭޕްރިލް 2017 - 00:04

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުއްޓާއި ށ.މިލަންދޫގައި ގިނަ އިންޑޯ ކުޅިވަރުތަކެއް ހިމެނޭގޮތަށް ގާއިމްކުރެވޭ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅުކަދައްކަވަމުން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވޭ އިންޑޯ ކޮމްޕްލެކްސް އަކީ މިނިސްޓްރީގެ ބަޖެޓުން 4.6 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކުރަން ނިންމާފައިވާ މަޝްރޫއެއްކަމަށެވެ. އަދި ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ހދ. ކުޅުދުއްފުށީގެ ފުޓްސަލް ދަނޑަކާއި، ބާސްކެޓް ކޯޓް، ނެޓްބޯޅަ ކޯޓް އަދި ވޮލީ ކޯޓުގެ މަސައްކަތް މީގެ ކުރިން ނިންމާފައިވާކަންވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އިރުތިޝާމް ވިދާޅުވިގޮތުގައި ހދ. ކުޅުދުއްފުށީގެ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް އެމް.އާރު.ޑީ.ސީ އާއި ހަވާލު ކޮށް އިތުރު ފުޓްސަލް ދަނޑެއްގެ މަސައްކަތް ކުރުމަށް ވާނީ ޓްރައިކޯ އިންވެސްޓްމެންޓާއި ހަވާލު ކުރެވިފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އިރުތިޝާމް ވިދާޅުވިގޮތުގައި ށ. މިލަންދޫގައި ގާއިމް ކުރެވޭ އިންޑޯ ކޮމްޕްލެކްސް އަކީ މިނިސްޓްރީގެ ބަޖެޓުން 4.7 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކުރަން ނިންމާފައިވާ މަޝްރޫއެކެވެ. އަދި ށ.މިލަންދޫގައި ފުޓުބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ނިންމާފައިވާއިރު ވިނަ އިންދުމުގެ މަސައްކަތް ވާނީ ޓެންޑަރ ޕްރޮސެސިންގެ ތެރޭގައިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވިގޮތިގައި ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ށ.މިލަންދޫއަށް މިހާތަނަށްވަނީ 3 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ޚަރަދުކުރެވިފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވުނު ކޮންޓްރެކްޓަރ ކިއު.ވަން މޯލްޑިވްސް ޕވޓ، ލޓޑ އާއި ވަނީ ހދ. ކުޅުދުއްފުއްޓާއި ށ.މިލަންދޫގައި އަޅާ ދެ ސްޕޯޓްސް ކޮމްޕްލެކްސްވެސް ހަވާލުކޮށްފައެވެ. އަދި މި މަޝްރޫއު އަށް ކަނޑައެޅިފައިވާ މުއްދަތު ކަމަށްވާ، ޑިސެމްބަރ 2017 ގެ ނިޔަލަށް މަސައްކަތް ނިންމާލުމަށް ހަލުވިކަމާއެކު ކުރިޔަށް ދާނެކަމުގެ ޔަގީންކަން ކިއު.ވަން މޯލްޑިވްސް ޕވޓ، ލޓޑ އިން ވަނީ މިނިސްޓަރ އިރުތިޝާމް އަށް ދެއްވާފައެވެ.