އާ ޔޫތު ސެންޓަރުތައް ގާއިމް ވެގެންދާއިރު ދާއީމީ ގިނަ ވަޒީފާތަކެއް ޒުވާނުންނަށް އުފެދިގެން ދާނެ: މިނިސްޓަރ

ރަނގަޅު ފެސިލިޓީސްތާއެކު އާ ޔޫތު ސެންޓަރުތައް ގާއިމް ކުރެވިގެންދާއިރު ގިނަ ވަޒީފަތަކެއް ޒުވާނުންނަށް އުފެދިގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި " އަހާ" ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ހިންގަމުންދާ ޔޫތު ސެންޓަރުތައް ހުރީ އެންމެ ކުރީ މޮޑެލްގައި ކަމަށާއި އެތަންތަނުގައި މިހާރު ރާއްޖޭގެ ޒުވާނުން ކުޅެ ހަދަ އަދި މުނުފޫހިފިލުވަން ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތައް ނެތް ކަމަށެވެ.

ނަމަވެސް އަލަށް ގާއިމުކުރާ ޔޫތު ސެންޓަރުތަކަކީ ދިވެހި ޒުވާނުން އެދޭ ފެންވަރުގައި ގާއިމް ކުރާ ސެންޓަރުތަކެއް ކަމަށާއި އެތަނުން ޒުވާނުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއި އެއްކޮށް އަލަށް ތިޔަ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޔޫތު ސެންޓަރުތައް އަޅުގަނޑު ގަބޫލު ކުރާގޮތުގައި ދިވެހި ޒުވާނުން އެދޭ ފެންވަރުގައި ގާއިމް ކުރެވިގެންދާއިރު، ވަޒީފާގެ އިތުރު ފުރުސަތުތައް މިތަނުގައި ފަހިވެގެން." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ރަށްރަށުގައި ހުންނަ ޔޫތު ސެންޓަރުތަކުގައި ތިބޭ މުވައްޒަފުންގެ ވަޒީފާ ވެގެންދާނީ ދާއީމި ވަޒީފާތަކަކަށް ކަމަށެވެ.

މިނިސްޓަރ ވަނީ ވަޒީފާގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުމަށް ވަރަށް ގިނަ މަސައްކަތްތައް މިހާރު ވެސް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

ދިވެހި ޒުވާނުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ ރައީސް އަދި ކެބިނެޓުން ނިންމަވާ ކަންތަކަކީ ޒުވާނުން ބައިވެރިވުން އޮންނަ ނިމުން ތަކަކަށް ވާނެ ކަން." މިނިސްޓަރ ވިދާޅުވިއެވެ.