ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗުގައި ތަމްރީނުވުމަށް ހުޅުވާލައިފި

މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގާ "ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް"ގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ދެވަނަ ބެޗުގައި ތަމްރީނުވުމަށް ހުޅުވާލައިފިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަނޭޝަނަލްގެ ފުރަތަމަ ބެޗްގެ ބައިވެރިން މާރޗް މަހުގެ ތެރޭގައި 43 ޒުވާނުން ގްރެޖުއެޓުވިއިރު އޭގެ ތެރެގައި 21 ޒުވާނުންނަށް ވަޒީފާ ވަނީ ޔަގީންވެފައެވެ.

ދެވަނަ ބެޗުގައި ބައިވެރިވުމަށް މިއަދު ހުޅުވާލާފައިވާއިރު މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމަށް sh.mlesi.apprenticeship@marriott.com އަށް ވަނަވަރު މެއިލް ކުރައްވާށެވެ.

މި ޕްރޮގުރާމުގެ ދަށުން އޯޕެން ޑޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޯޕެން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އިންޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި މާދަމާ 11:30 އިން 15:00 އަށެވެ. ޝައުގުވެރިވާ ފަރާތްތަކަށް މި އޯޕެން ޑޭގައި މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ލިބި، އެޕަރެންޓް އަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މިއަހަރު މެރިއޮޓް އިންޓަނޭޝަނަލް މޯލްޑިވްސް ރިސޯޓްތަކުގެ 7 ޕްރޮޕަޓީއަކުން 100 އަށް ވުރެ ގިނަ އެޕްރެންޓިސްޝިޕް ސްލޮޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.  

މި ޕްރޮގުރާމުގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި ކެއުމާއި ހުރުން ވެސް ހަމަޖެހިގެންދާއިރު ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ފަރާތްތަކަށް އެމްއެންއެސްޑީއޭ އިން ނެޝަނަލް ސެޓްފިކެޓް އެމްއެންކިއުއެފް ލެވެލް 3ގެ ލިބިގެންދާނެއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.

މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ޤައުމީ ސަނަދު ދޫކުރުން މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

އަދި ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގުރާމުގެ މަގްސަދެކެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ.